2020 ge Dhaulathuge Budget 2


އިބްރާހިމް ރަޝީދު (ދޮންބެ)  / ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ

ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށް ހިލޭއެހީގެ ގޮތުގައި ފައިސާ ކަނޑައަޅާފައިވާ ފުރަތަމަ ބަޖެޓެވެ. މިގޮތުން ބަޖެޓުގެ ޖުމްލަ އާމްދަނީގެ 5 އިންސައްތާގެ އިތުރުން ބިމާ، ރަށްރަށާ، ފަޅާ، ފަރުފަދަ ތަންތަނުގެ ކުލީގެ ގޮތުގާ ލިބޭ އާމްދަނީގެ 40 އިންސައްތަ ސީދާ ކައުންސިލް ތަކަށް ބަހާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރަށް އެރަށަކާއި އެރަށް ވަށާގެން 700 މީޓަރުގައި ވާ ހުރިހާ ތަނަކުން ލިބޭ ޢާމްދަނީ ސީދާ ލިބޭނީ އެރަށެއްގެ ކައުންސިލަށެވެ.2020 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން 1.6 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދިނުމަށް ކަޑައެޅިފައި ވީނަމަވެސް 2019 އަހަރުގެ ބަޖެޓުން ކައުންސިލްތަކަށް ލިބުނީ 656 މިލިއަން ރުފިޔާ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 1 ބިލިއަން ރިފިޔާގެ އިތުރު އަދަދެކެވެ.

2020 ވަނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ހުށައަޅާފައިވާ އާ ކަންތައްތަކުން އަންނަ އަހަރު 2.6 ބިލިއަން ރުފިޔާ ލިބޭނޭ ކަމަށް ލަފާކޮށްފައިވެއެވެ.

މިގޮތުން ރާއްޖޭގައި މަސައްކަތް ކުރަން އެތެރެވާ ކޮންމެ ބިދޭސީއެއްގެ އަތުން ކޯޓާ ފީއެއްގެ ގޮތުގައި 2000 ރުފިޔާ ނަގައިގެންނާއި، ވަރކު ޕާރމިޓޫ ފީ 250 ރުފިޔާއިން 350 ރުފިޔާ އަށް އިތުރު ކޮށްގެން ލިބޭނޭކަމަށް އަންދާޒާ ކުރެވޭ 714 މިލިއަން ރިފިޔާ ހިމެނެއެވެ. އަދި ފަރުދުންގެ އާމްދަނީން ޓެކުސް ނަގާގެން 706 މިލިއަން ރުފިޔާ އަންނައަހަރު ލިބޭނޭކަމަށް ލަފާކޮށްފައިވެއެވެ.

ނަމަވެސް މަޖިލީހުގައި މިހާރު އޮތް އިންކަމް ޓެކުސް ނެގުމުގެ ބިލުގެ ޓެކުސް ބުރެކެޓު ތަކަށް ގެނެވޭ ބަދަލަކުން މިއަދަދު ނުލިބުމަކީ އެކަށީގެންވާ ކަމެވެ.

558 މިލިއަން ރުފިޔާ ކަސްޓަމްސް ފީ ތަކަށާއި އިމްޕޯޓު ޑިއުޓީއަށް ހަށައަޅާ ބަދަލުތަކުން ލިބޭނޭކަމަށް ލަފާކޮށްފައިވެއެވެ. މިގޮތުން ހާއްސަގޮތެއްގާ ފާހަގަކުރެވެނީ ކުރިން ސިގިރެޓަކުން ނަގަމުން އާ 2 ރުފިޔާގެ ބަދަލުގައި 3 ރުފިޔާ ނެގުމަށް ހުށައަޅާފައިވެއެވެ. އެއަރޕޯޓު ސާވިސްޗާޖު އަދި އެއަރޕޯޓު ޑިވެލޮޕުމެންޓު ފީ އަށް ބަދަލު ގެނެސްގެން 319 މިލިއަން ރުފިޔާ ލިބޭނޭކަމަށް ލަފާކޮށްފާވެއެވެ. މިގޮތުން ގެނެވޭ ބަދަލުގެ ތެރޭގައި އެއަރޕޯޓު ސަރވިސް ޗާޖު އުވާލުމަށްފަހު ޑިޕަރޗަރ ޓެކުހެއް ތާރަފުކުރުން ހިމެނެއެވެ.

އެގޮތުން:

އިކޮނޮމީ ކުލާހުން ދަތުރުކުރާ ކޮންމެ ދިވެއްސެއްގެ އަތުން މިހާރެކޭ އެއްގޮތަށް 12 ޑޮލަރު އަދި ކޮންމެ ބޭރު މީހެއްގެ އަތުން 30 ޑޮލަރު ނެގޭނެއެވެ. ބިޒުނަސް ކުލާހުން ދަތުރުކުރާ ދިވެހިން އަތުންނާ ބޭރުމީހުން އަތުން 60 ޑޮލަރު ނެގޭނެއެވެ. ފަސްޓު ކުލާހުން ދަތުރުކުރާ ދިވެހިންނާ ބޭރުމީހުން އަތުން 90 ޑޮލަރު ނެގުމަށް ހަމަޖެހިފަވެއެވެ.

ރިސޯޓު ހެދުމަށް އާ ރަށްތައް ދޫކޮށްގެން އިކުއިސިޝަން ކޮސްޓުގެ ގޮތުގައި 290 މިލިއަން ރުފިޔާ ލިބޭނޭކަމަށް ލަފާކޮށްފާވެއެވެ. މިހާރުވެސް ދޫކުރެވި ގިނަރަށްތަކެއް ނުހެދި ވާއިރު އިތުރު ރައްތަކެއް ދޫކޮށްގެން ލިބޭނޭ އާމްދަނީއަށްވުރެ، ނުހެދިވާ ރައްތައް ހެދޭނެ ގޮތެއް ހޯދައިގެން ދައުލަތައް ހޯދޭނެ އާމްދަނީ އިތުރުވާނެކަމަށް އަޅުގަޑަށް ލަފާކުރެވެއެވެ.

މީގެ އިތުރަށް ބިދޭސީން ރާއްޖޭގައި ތިބުމުގެ ހުއްދަ (ރެޒިޑެންޓް ޕަރމިޓް ފީ) އަށް ގެންނަ ބަދަލުގެ ސަބަބުން 231.6 މިލިއަން ރުފިޔާ ލިބޭނޭކަމަށް ލަފާކުރެވެއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ހުށައެޅޭ އެންމެ ބޮޑު ޕަބުލިކު ސެކުޓަރ އިންވެސްޓުމެންޓު ޕޮރުގުރާމް ހިންގަން ހުށައެޅޭ ބަޖެޓެވެ. މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެ ހޯދުމުގެ ގޮތުން ފަސް ރަށެއް ސަރަހައްދީ ހަބުތަކެއްގެ ގޮތުގައި ތަރައްގީކުރަން މިބަޖެޓުގައި ހިމެނިފާވެއެވެ. އަދި މިސަރަހައްދު ތަކުގައި ފަސް ތާޝިއަރީ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ވެސް ހަމަޖެހިފަވެއެވެ.

ރާއްޖޭގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން 4 ބިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވެއެވެ. އެގޮތުން އާސަންދަ ސްކީމަށް 951 މިލިއަން ރުފިޔާ ބަޖެޓުގާ ހިމެނިފާވެއެވެ. ތަކެތި ނުވަތަ ޙިދުމަތުގެ އަގުހެޔޮ ކުރުމަށް 445 މިލިއަން ރުފިޔާ. ކަރަންޓުގެ ސަބުސިޑީއަށް 350 މިލިއަން ރުފިޔާ. ކާބޯތަކެތި އަގުހެޔޮ ކުރުމަށް 254 މިލިއަން ރުފިޔާ. ހާއްސައެހީއަށް ބޭނުންވާ ފަރާއްތަކަށް 216 މިލިއަން ރުފިޔާ. އެކަނިވެރި މައިން ނުވަތަ ބަފައިންނަށް 53 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވެއެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު’ 2020 ގެ ބަޖެޓަކީ މިހާތަނަށް މަތީ ތައުލީމަށް ކުރާ ހޭދަ އެންމެ ބޮޑު ބަޖެޓެވެ. ތައުލީމީ ދާއިރާއަށް 4.4 ބިލިއަން ރުފިޔާ ބަޖެޓު ކުރެވިފާވެއެވެ. އެގޮތުން އަތޮޅުތަކުގައި ތައުލީމީ އިންފުރާސްޓަކުޗާރ ގާއިމުކުރުމަށް 330 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

މީގެ ތެރޭގާ:

ފުވައްމުލަކު އެމް.ޖޭ.އެސް ގެ 16 ކުލާސްރޫމާއި ކޮމްޕިއުޓަރ ލެބު އަދި މަލްޓިޕާޕަސް ހޯލް އިމާރާތްކުރުން ހިމެނެއެވެ.

ހޭޒުގެ 16 ކުލާސްރޫމްގެ 3 ބުރީގެ އިމާރާތް ހިމެނެއެވެ.

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ 16 ކުލާސްރޫމް ހިމެނޭއެވެ. އަދި

ފުވައްމުލަކު ސްކޫލްގެ މަލަޓިޕާޕަސް ހޯލް ހިމެނޭކަން އުފަލާއެކު ފާހަގަކުރަމެވެ.

އަދި މީގެ އިތުރުން:

ދަރުމަވަންތަ ސްކޫލް އާ އިމާރާތަށް 65 މިލިއަން ރުފިޔާ. ހުޅުމާލޭގައި އިމާރާތްކުރާ އާ ސްކޫލަށް 54 މިލިއަން ރުފިޔާ. މެޑިކަލް ސްކޫލް ގާއިމުކުރުމަށް 35 މިލިއަން ރުފިޔާ. ސީ.އެޗު.އެސް.އީ 8 ބުރީގެ ކުލާސްރޫމްގެ އިމާރާތަށް 22 މިލިއަން ރުފިޔާ ބަޖެޓުކުރެވިފައިވެއެވެ.

އަދި ޒުވާނުންގެ ހުނަރު ތަރައްގީ ކުރުމަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އެންމެ ޒަމާނީ ޓެކުނިކަލް އަދި ވޮކޭޝަނަލް އިންސިޓިއުޝަނެއް މާލެ އާއި ފުވައްމުލަކު ސިޓީގައި ގާއިމުކުރުމަށް 27 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވެއެވެ. މީގެ ތެރެއިން 17.5 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފައިވަނީ ފުވައްމުލަކަށްކަން ފާހަގަ ކުރަމެވެ.

އަދި ދަރިވަރުންގެ ހަޔާ އެޑިއުކޭޝަން ލޯން ސްކީމަށާއި ހިލޭ ފަސްޓު ޑިގްރީ އަށް ކިޔެވުމުގެ ޕޮރުގުރާމަށާއި ސްކޮލަރޝިޕުތަކަށް 750 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފާވެއެވެ.

އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން 20000 ސޯޝަލް ހައުސިން ޔުނިޓުގެ ބިޔަ ބޮޑު މަޝްރޫޢުއެއް ފެއްޓުމަށް ބޭނުންވާާ އިކުއިޓީގެ ގޮތުގައި 600 މިލިއަން ރުފިޔާ މިބަޖެޓުގައި ހިމެނިފައިވެއެވެ. އަދި މީގެތެރެއިން 10000 ހައުސިން ޔުނިޓުގެ މަސައްކަތް 2020 ވަނަ އަހަރު ފެއްޓުމަށް ހަމަޖެހިފަވެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ހައުސިން މަޝްރޫޢުއެވެ.އެކި ރަށްތަކުގައި ގާއިމުކުރެވޭ ހައުސިން ޔުނިޓުތަކަށް 359 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފާވެއެވެ.

2020 ވަނަ އަހަރަށް ހުށައެޅިފައިވާ މި ބަޖެޓުގައި ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް މަގުފަހިވާނޭ ހަރަކާއްތަކަށް އިސްކަން ދީފައިވެއެވެ. މިގޮތުން އިގުތިސާދީ އަދި ސިނާޢީ ކުރިއެރުމަށް 7.9 ބިލިއަން ރުފިޔާ ބަޖެޓު ކުރެވިފާވެއެވެ.

މިގޮތުން ރާއްޖޭގެ މާ ސީޕޯޓު ގުޅިފަޅުގާ ބިނާކުރަން ފެށުމާ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލްގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް 853 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަދި އެއާއެކު މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބުރިޖުގެ މަސައްކަތް ފެށުމަށް 411 މިލިއަން ރުފިޔާ 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފަވެއެވެ. އެކިއެކި ރަށްތަކުގެ ބިން ހިއްކުމަށް 955 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފާވެއެވެ. ގުޅީފަޅު ހިއްކުމަށް 247 މިލިއަން ރުފިޔާ. ސަސްޓެއިނަބަލް އެނާރޖީ ޑިވެލޮޕުމެންޓަށް 247 މިލިއަން ރުފިޔާ ބަޖެޓުގައި ވެއެވެ. އިތުރު ކަންތައްތަކަށް ބަލާއިރު ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް 150 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފާވެއެވެ.

އަދި އައްޑޫސިޓީ މަގު ހެދުމަށް 135 މިލިއަން، މާލޭސިޓީ މަގު ހެދުމަށް 79 މިލިއަން، އަޅުގަޑުމެންގެ ފުވައްމުލަކު ސިޓީ މަގު ހެދުމަށް 61 މިލައަން ރުފިޔާ ބަޖެޓުގައި ހިމެނިފާވާކަން އުފަލާއެކު ފާހަގަ ކުރަމެވެ.

ފަތުރުވެރިކަން އިސްތިހާރު ކުރުމަށް  2020 ގެ ބަޖެޓުގާ ހިމެނިފަވަނީ 154މިލިއަން ރުފިޔާއެވެ. މިއީ ރާއްޖޭގެ އިގުތިސާދުގެ މާ ތަބުކަމުގާވާ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެކަށީގެންވާ އަދަދެއްކަމަކަށް އަޅުގަޑު ނުދެކެމެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް އެސްއެމްއީ ޑިވެލޮޕުމެންޓު ފައިނޭޝަލް ކޯރޕަރޭޝަން އަށް ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ 2020 ވަނަ އަހަރުގެ ބަޖެޓުގާ ހިމެނިފައިވެއެވެ.އަދި އެސްއެމްއީ ގާނޫނާއި އެއްގޮތަށް އިތުރު 50 މިލިއަން ރުފިޔާ ދިނުމަށް ބަޖެޓު ކުރެވިފައިވެއެވެ. މީގެ އިތުރުން 117 ރަށެއްގެ ބަނދަރު ހެދުމަށް 1.1 ބިލިއަން ރުފިޔާ ހިމެނިފައިވެއެވެ.

ތިމާވެށި ރައްކާތެރިކުރުމަށް 2020 ބަޖެޓުގައި 1.8 ބިލިއަން ރުފިޔާ ހިމަނާފައުވެއެވެ. އަންނަ އަހަރު ބަޖެޓުގައި 143 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް 1.2 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެކި ރަށްތަކުގެ ގޮޑުދޮށް ހިމާޔަތްކުރުމަށް 222 މިލިއަން ރުފިޔާ. އަދި ކުނި ނައްތާލުމުގެ 20 މަޝްރޫޢަކަށް 212 މިލިއަން ރުފިޔާ ބަޖެޓު ކުރެވިފާވެއެވެ.

ފުވައްމުލަކު ސިޓީގެ ރައްޔިތުން ދެކެމުން އަންނަ ގޮޑުދޮށް ހިމާޔަތް ކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް 82 މިލިއަން ރުފިޔާ އަންނަ އަހަރަށް ބަޖެޓު ވުރެވިފައިވެއެވެ. މިއީ މިކަންތައް ހަގީގަތަކަށް ވާނެ ފަހަރުކަން އަޅުގަޑަށް ޔަގީނެވެ.

ފުވައްމުލަކުގެ ތަރައްގީއަށް އިތުރަށް ބަޖެޓު ކުރެވިފާވާ ކަންތައްތަކުގެ ތެރޭގާ:

ފުވައްމުލަކުގެ ހޮސްޕިޓަލް ރައީސުލް ޖުމްހޫރިއްޔާގެ ވައުދާއި އެއްގޮތަށް ތަރައްގީ ކުރުން.

ފުވައްމުލަކުގައި އައި.ސީ.ޓީ ކެންޕަސްއެއް ގާއިމުކުރުން.

ފުވައްމުލަކުގައި އިންޑޯ ސްޕޯޓުސް ކޮންޕުލެކުސް އެއް ގާއިމުކުރަން ފެށުން.

ހޯދަޑު އާއި ދޫޑިގަން އަވަށުގެ ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުން.

ފުވައްމުލަކު ސެންޓުރަލް ފެރީ ޓާމިނަލް އެޅުން.

ފުވައްމުލަކު ބަނދަރު އަޕްގްރޭޑް ކުރުން.

ފުވައްމުލަކު ބަނދަރުގައި މިސްކިތެއް އެޅުން.

ފުވައްމުލަކު މައިލޯ ސްޓޭޑިއަމްގައި ސިންތެޓިކް ދުވާ ޓުރެކެއް އެޅުން.

ފުވައްމުލަކު މަސްޖިދުލް ހުދާ އިމާރާތް ކުރުން.

ފުވައްމުލަކު ގުރުއާނާ ބެހޭ މަރުކަޒު ތަރައްގީ ކުރުން.

ފުވައްމުލަކު ފުލެޓު ސަރަހައްދު ލޭންޑު ސްކޭޕުކުރުން.

މި ބަޖެޓާއެކު ޕީ.އެސް.އައި.ޕީ ޕްރޮޖެކުޓްތައް ހިންގާނޭ ގޮތުގެ ޝެޑިއުލެއް ފިނޭންސް މިނިސްޓްރީން އެކުލަވާލާނެއެވެ. މިޝެޑިއުލުން ކޮންމެ ޕްރޮޖެކުޓެއްގެ ބީލަން ހުޅުވާ ތާރީހުން ފެށިގެންގޮސް މަސައްކަތް ނިމޭނެ ތާރީޙު ވަރަށް ތަފުސީލުކޮށް އެގެން ހުންނާނެއެވެ. އޭރުން މި ބަޖެޓުގައި ހިމެނޭ ކޮންމެ ރަށެއްގެ ޕީ.އެސް.އައި.ޕީ ކޮންމެ ޕްރޮޖެޓެއްވެސް ފައްޓަން ހަމަޖެހިވާ ތާރީޙު ކޮންމެ ރައްޔިތަކަށް ފަސޭހައިން އެގެން ހުންނާނެއެވެ.

މި ބަޖެޓާއެކު ފިނޭންސް މިނިސްޓްރީން ކައުންސިލް ތަކުގެ ބަޖެޓު ތައްޔާރު ކުރުމުގައި ބަލަންޖެހޭނެ ގައިޑުލައިނެއް އެކަށައަޅާ ކައުންސިލް ތަކަށް ފޮނުވަން ޖެހެއެވެ. އަދި އެ ގައިޑުލައިނާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލްތަކުން ބަޖެޓު ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހެއެވެ. ކައުންސިލް ތަކުގެ ބަޖެޓުގައި ކައުންސިލްތަކަށް އެރަށެއްގެ އިހުތިސާސްގައި ހިމެނޭ ސަރަހައްދުން ލިބޭނޭކަމަށް ލަފާކުރާ އާއްމުދަނީގެ އިތުރުން ބްލޮކު ގުރާންޓުގެ ގޮތުގައި ބަޖެޓުން ލިބޭ ފައިސާ ހިމަނާގެން ކައުންސިލް ތަކުގެ ޖުމްލަ އާމްދަނީ އެގިގެން ދާނެއެވެ. އަދި ޖުމްލަ އާމުދަނީ ޙަރަދުކުރާނެ ގޮތުގެ ތަފުސީލު ފިނޭސް މިނިސްޓްރީން އެކަށައަޅާ ގައިޑުލައިނާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރު ކުރުމަށްފަހު ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހެއެވެ.